
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދާ އެކު ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާ އަދި ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމެވެ. އެ ތިން ބޭފުޅުންނާ ވަކިވަކިން އިންޓަވިއު ކުރުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދިނީ ޝަހީދު އެ މަގާމަށް އައްޔަނުކުރުމަށެވެ.
ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނުކުރުމާ މެދު ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ ދިރާސާކުރުމަށް މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.
އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ ޖޭއެސްސީން ދިރާސާތައް ކޮށްފައިވާތީ އިތުރު ދިރާސާއެއް ކުރުމެއް ނެތި ޝަހީދަށް ރުހުން ދިނުމަށެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ އައްޑޫ އަތޮޅު ފޭދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޝަހީދަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.
މިއަދުގެ މަޖިލިހުގެ ޖަލްސާގައި ވަނީ ޖުޑިޝަރީ ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އިއްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް މަޖިލިހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.
ހައި ކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީ އާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ޝަހީދު ވަނީ އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު ފުރުއްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމެއް ހުސްވީ މިދިޔަ މަހުގެ 4 ވަނަ ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވާފައި ވަނީ ޖޭއެސްސީން ބަލަން ފެށި މައްސަލަތަކަކާ ގުޅިގެން އޭނާ އާއެކު ފަނޑިޔާރު މަހާޒު އަލީ ޒާހިރާ އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފައިވަނިކޮށެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ، ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއްގެ އަޑުއެހުމެއް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ހުށަހެޅިއިރު، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ވެރިކަން ކުރާ ކޮންގްރެސް ޕާޓީން ސްޕޮންސާކޮށްގެން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފާސް ވެސް ކުރި އެވެ.
ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލިހަށް ފޮނުވާލައްވާފަ އެވެ. އެ ބިލު އިތުރަށް ދިރާސާކުރަން އަލުން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.