
ރައީސް ޑރ މުހައްމަދު މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ސ. ހިތަދޫ، ބާޒީގެ ހުސައިން ޝަހީދު މިއަދު އައްޔަންކުރައްވައިފި އެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެވެ. އަދި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ޝަހީދާ ހަވާލުކުރައްވާފަ އެވެ.
ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުވެސް އަދާކުރައްވާފައިވެ އެވެ.
ޝަހީދު ވަނީ މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލްއެލްބީ ހާސިލުކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމެއް ހުސްވީ މިދިޔަ މަހުގެ 4 ވަނަ ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވާފައި ވަނީ ޖޭއެސްސީން ބަލަން ފެށި މައްސަލަތަކަކާ ގުޅިގެން އޭނާ އާއެކު ފަނޑިޔާރު މަހާޒު އަލީ ޒާހިރާ އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ، ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއްގެ އަޑުއެހުމެއް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ހުށަހެޅިއިރު، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ވެރިކަން ކުރާ ކޮންގްރެސް ޕާޓީން ސްޕޮންސާކޮށްގެން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފާސް ވެސް ކުރި އެވެ.
ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލިހަށް ފޮނުވާލައްވާފަ އެވެ. އެ ބިލު އިތުރަށް ދިރާސާކުރަން އަލުން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.