ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދު އައްޔަންކުރުމަށް ފެންނަ ކަމަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމްއާއެކު ޝަހީދު ކުރިމަތިލެއްވި އިރު އެ ތިން ބޭފުޅުންނާ ވަކިވަކިން އިންޓަވިއުކުރުމަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އިން ލަފާ ދިނީ ޝަހީދު އެ މަގާމަށް އައްޔަނުކުރުމަށެވެ.

ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނުކުރުމާ މެދު ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމުން ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި، ޖޭއެސްސީން ދިރާސާތައް ކޮށްފައިވާތީ އިތުރު ދިރާސާއެއް ކުރުމެއް ނެތި ނިންމީ ޝަހީދަށް ރުހުން ދިނުމަށެވެ.

ކޮމިޓީގެ ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އައްޑޫ އަތޮޅު ފޭދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ޝަހީދު އަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.

ހައި ކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ އޮކްޓޫބަރު 30، 2023 ގަ އެވެ.

މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވާފައިވާ ޝަހީދު ވަނީ އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު އޭނާ ފުރުއްވާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމެއް ހުސްވީ ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ، ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއްގެ އަޑުއެހުމެއް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.

ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ހުށަހެޅި އިރު އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ވެރިކަން ކުރާ ޕީއެންސީން ސްޕޮންސާކޮށްގެން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފާސްވެސްކުރި އެވެ.

ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ. އެ ބިލު މިއަދު ވަނީ އިތުރަށް ދިރާސާކުރަން އަލުން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *