މަލްޓި ޕާޓީ ސިސްޓަމް ނުވަތަ ގިނަ ޕާޓީތައް އެކުލެވޭ ވެރިކަން ކުރުމުގެ ނިޒާމު ރާއްޖެއަށް އައިފަހުން ސިޔާސީ ލީޑަރުންނަށް އެންމެ ބޮޑު މިނިވަންކަމެއް ލިބުނީ މި ވެރިކަމުގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމަކާ އެކު ޑިމޮކްރެޓިކް ވެރިކަމެއް ފެށިތާ މިހާރު 15 އަހަރު ފާއިތުވެ ގޮސްފައިވާ ކަމަށެވެ.

ފާއިތުވި އެކި ދައުރުތަކުގައި ފެނުނު ވެރިކަންތަކުން އެކި ފިލާވަޅުތައް ލިބިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ކުރިން ވެރިކަމާ ހަވާލުވި ކޮންމެ ބޭފުޅެއްގެ ވެރިކަމުގައި އަހަރެއް ފުރިގެން ދިޔައިރު ކޮންމެވެސް ސިޔާސީ ލީޑަރަކު ހުންނެވީ ޖަލުގައިކަން ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިހާތަނަށް އެއްވެސް ސިޔާސީ ލީޑަރަކު ހައްޔަރުގައި ނެތް ކަމަށާއި ލީޑަރުންނަށް ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް މިހާރު އަހަރަކާއި ހަ މަސް ވެގެން ގޮސްފައިވާއިރު، މިއަދު ރާއްޖޭގެ ސިޔާސީ މަޝްރަހާއި އިދިކޮޅުގައި މަސައްކަތް ކުރައްވާ ލީޑަރުންގެ ކަންކަން ހުރި ގޮތް ރަނގަޅަށް ބަލަން ޖެހޭ ކަމަށެވެ.

“ގައުމެއް ބިނާކުރުމުގައި ސިޔާސީ ނިޒާމެއްގެ ތެރެއިން އެންމެ މުހިންމު ކަމަކީ ސިޔާސީ ޕާޓީތަކަށް މިނިވަންކަމާ އެކު، ސިޔާސީ ވެރިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮތުން. އެ ފުރުސަތު ފުޅާކޮށް މިއަށް ވުރެ ތަންމިނަށް ހުޅުވާލެވުނު ޒަމާނެއް ރާއްޖޭގައި މި ދެންނެވި 15 އަހަރުގެ މަލްޓި ޕާޓީ ސިޔާސީ ނިޒާމު ދެކެފައެއް ނުވޭ،” މިނިސްޓަރު ވިދާޅުވި އެވެ.

Leave a Reply