
ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރަން އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކު(އައިއެސްޑީބީ)އިން ހަތަރު ލައްކަ ޑޮލަރުގެ ހިލޭ އެހީ ދީފިއެވެ.
އެ އެހީ ދިނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ)ފޯރަމުގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް (އެޗްއައިއައިޕީ) ޕްރޮގްރާމުގެ ތެރެއިން ދިން ހިލޭ އެހީއެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ ހިލޭ އެހީގެ ދަށުން ޕްރައިމަރީ ހެލްތްކެއާއަށް އެހީތެރިވުމާއި، ސިއްހީ މަރުކަޒުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގެ މެދުގައި ރިފަރަލް ސިސްޓަމްތައް ހަރުދަނާކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމާއި، ހެލްތު އިންފޮމޭޝަން ސިސްޓަމްތައް ހަރުދަނާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ސިއްހީ ދައިރާއަށް ކުރިމަތިވާ ގޮތްޖެހުންތަކަށް ވެސް ހޭދަކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ސިއްހީ ދާއިރާ ތަރައްގީކުރުމަށް އައިއެސްޑީބީއިން ހިލޭ އެހީ ދިންއިރު މިމަހުގެ 13 އިން 1 އަށް ކުރުނބާ ރިސޯޓްގައި ބޭއްވި މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް)ގައި އެކި ގައުމުތަކުން ވަނީ އެކި ގޮތްގޮތުން މި ދާއިރާ ކުރިއެރުވުމަށް އެހީތެރުވެދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މޯލްޑިވްސް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 100އަށް ވުރެ ގިނަ ބައިވެރިން އަމަލީ ގޮތުން ވަނީ ބައިވެރިވެފައެވެ.
އޭގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރުން، ގުޅުން ހުރި އެހެން އިދާރާތަކާއި ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ސިއްހީ ދާއިރާއިން ތައުލީމާއި ތަމްރީންދީ ދިރާސާކުރާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތައް ހިމެނެއެވެ.
އަދި ރާއްޖެއިން ބޭރުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި، އެ ގައުމުތަކުގެ ތަޖްރިބާ ހިއްސާކުރުމަށް އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނީސިއާ އަދި ފިލިޕީންސްގެ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ޑަބްލިއޫ އެޗް.އޯ. ޔުނިސެފް، ޔޫ.އެން.ޑީ.ޕީ، އެފް.އޭ.އޯ އަދި އައި.އޯ.އެމް ފަދަ އ.ދ ގެ އިދާރާތަކުގެ އިތުރުން، ސިއްހީ ކަންކަން ކުރިއަރުވާ ގައުމުތަކަށް އެހީތެރިވާ ގްލޯބަލް ފަންޑް، ގަވީ، ވޯލްޑް ބޭންކް، އައިއެސްޑީބީ، އީއައިބީ، އަދި ގޭޓްސް ފައުންޑޭޝަން ފަދަ ޑެވެލޮޕްމެންޓް ބޭންކްތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން މި ފޯރަމުގައި ވަނީ ބައިވެރިވެފައެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































