ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލުގެ މަސައްކަތް ނިންމުމަށް އިތުރު 63.7 މިލިއަން ސައުދީ ރިޔާލް (17 މިލިއަން ޑޮލަރު) ގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީއައިއޭ ތަރައްގީ ކުރުމަށް ސައުދީ ފަންޑުން މީގެކުރިން ދެ ފަހަރެއްގެ މަތިން ވަނީ ޖުމްލަ 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ގެ ލޯނު ދީފަ އެވެ. އެއީ 2016 ވަނަ އަހަރު އެއާޕޯޓުގެ ތަރައްގީއަށް ހަމަޖައްސައިދިން 100 މިލިއަން ޑޮލަރާ އަދި މިދިޔަ އަހަރުގެ މެއި މަހު އާ ޓާމިނަލުގެ މަޝްރޫއަށް ދިން 100 މިލިއަން ޑޮލަރެވެ.

ސައުދީ ފަންޑުން އެއާޕޯޓުގެ ތަރައްގީއަށް އިތުރު ލޯނެއް ދިނުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާ އެކު ސޮއިކޮށްފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އާ ޓާމިނަލުގެ މަސައްކަތް ނިންމަން ލޯނުގެ އެހީގެ ގޮތުގައި ދޭން ހަމަޖެހިފައި ވަނީ 63.7 މިލިއަން ސައުދީ ރިޔާލެވެ. އެއީ 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) އެވެ.

މިއަދު ދިނުމަށް ނިންމި ލޯނާ އެކު ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަށް އެސްއެފްޑީން ހަމަޖައްސައިދިން ލޯނުގެ ޖުމްލަ 217 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އިތުރުވާނެ އެވެ.

އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ. އެސްއެފްޑީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން ބިން އަބްދުއްރަހްމާން އަލްމުރްޝިދެވެ.

ސަރުކާރުން ބުނީ ވީއައިއޭގެ ތަރައްގީގެ މަޝްރޫއަށް ހަމަޖެހިގެން ދިޔަ އެހީގެ ސަބަބުން މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ. މަޝްރޫއު ނިމުމާ އެކު، ރާއްޖެއަށް އިގުތިސޯދީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ފަތުރުވެރިންނަށާއި އިތުރު އެއާލައިންތަކަށް ޖާގަ ލިބި، ފަތުރުވެރިކަމާއި ވިޔަފާރި އަދި ދަތުރުފަތުރުފަދަ އިގުތިސޯދީ ތަރައްގީ އާއި ގުޅުންހުރި ސިނާއަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމުގެ ސަބަބުން ގައުމީ އުފެއްދުންތެރި ކަމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރި އެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި 17 ލޯނަކަށް 488 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) ސައުދީ ފަންޑުން ވަނީ ފޯރުކޮށްދީފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *