ސަައުދީ އަރަބިއްޔާއާއެކު ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެފަދައިން ވިދާޅުވީ ސައުދީން ރާއްޖެއަށް  ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ މަތްރެކް ބިން އަބްދުﷲ އަލް-އަޖާލީން އަލްދޮސާރީ، ރައީސްގެ އަރިހަށް މިއަދު ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިން ސަފީރާ ބައްްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ސައުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

މަތްރެކްގެ ސަފީރުކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެއްވި އެއްބާރުލެއްވުމަށް ރައީސް މިއަދު ޝުކުރުވެސް އަދާކުރެއްވި އެވެ.

އަދި މި ދައުރުގައި ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ރައީސް ސަފީރަށް ހެޔޮއެދުންތައް އަރިސްކުރެއްވި އެވެ.

އަދި މިދިޔަ މެއި މަހު، ރައީސް މުއިއްޒު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި، ސައުދީ ސަރުކާރުން ދެންނެވި ހޫނު މަރުހަބާއާއި، އަދާކުރެއްވި މެހެމާންދާރީ އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެ ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން، ދެ ބޭފުޅުންވެސް ދެއްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *