ސަރުކާރުން ފަށަން ތައްޔާރުވަމުންދާ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް އަނެއްކާވެސް ވޯކް-އިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.

މިހިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ މިހާރުވެސް މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދެމުންދާ އެމްޓީސީސީއާއެވެ.

އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާދަމާ ހެނދުނު 10 އިން ހަވީރު 4 ޖަހަންދެން މާފަންނު ބަސް ޓާމިނަލްގައި ވޯކް-އިން އިންޓަވިއު ކުރިއަށް ދާނެ ކަމަށެވެ.

މީގެ ކުރިން ވެސް ވޯކް-އިން އިންޓަވިއުއެއް ކުރިއަށް ގެންގޮސްފައިވާއިރު، އެމްޓީސީސީން ބުނެފައި ވަނީ ޖުމްލަ 407 ޑްރައިވަރުން ބޭނުންވާ ކަމަށެވެ. އޭގެތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

ސަރުކާރުން ކުރިން ބުނެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެ ހިދުމަތް ފެށޭނެ ކަމަށެވެ. ނަމަވެސް ހިދުމަތް ފެށިފައެއް ނުވެއެވެ.

އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ޓެކްސީ ބޭނުންކޮށްގެންނެވެ. އަދި އެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ކުރިން ސަރުކާރުން ބުނެފައިވެއެވެ.

Leave a Reply