
ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (އެސްޕީއެމްސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އައްޔަނުކުރައްވައިފިއެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މިހާރުވެސް ހުންނެވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ މަޤާމުގައެވެ. އަދި މީގެ ކުރިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އާޢިޝަތު މުޙައްމަދު އާއި ޝިބާނާ އަބްދުﷲ ދީދީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަނުކުރައްވާފައެވެ. އަދި ޑރ. ޝާހު މާހިރު ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަނުކުރައްވާފައެވެ.
މި ކުންފުނި އުފައްދާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މި ކުންފުނި އުފެއްދެވީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެންނެވެ.
އެސްޕީއެމްސީސީ އުފެއްދެވުމުގެ މައިގަނޑު މަގުޞަދަކީ، ރާއްޖެއަށް ބޭސް، މެޑިކަލް ކޮންޒިއުމަބަލްސް، އަދި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ އެތެރެކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































