
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކުރި މައްސަލާގައި ރާއްޖެއިން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރެއިން މިހާތަނަށް ދޫނުކޮށް ހުރި ޕާސްޕޯޓުތައް ފުލުހުން ދޫކޮށްލައިފި އެވެ.
ފުލުހުން ތަހުގީގުކުރަން ފެށި ލިޔުންތަކެއް ފޯޖުކުރި މައްސަލަ އާ ގުޅިގެން މިދިޔަ ސަރުކާރުގެ ހައުސިން މިނިސްްޓްރީގެ އިސްވެރިން ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓި އެވެ.
ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ޕާސްޕޯޓު ހިމެނެ އެވެ. އެ ދެ މީހުންގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނުގެ ޕާސްޕޯޓު ވެސް ފުލުހުން ހިފެހެއްޓި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު “ދެން” އަށް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ މައްސަލައިގައި އެ އިދާރާއިން ހިފެހެއްޓި ހުރިހާ މީހުންގެ ޕާސްޕޯޓު ދޫކޮށްލާފައިވާ ކަމަށެވެ. މި މައްސަލައިގައި އޭސީސީން ވެސް ވަނީ މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ. އެ މީހާގެ ޕާސްޕޯޓު ދޫކުރި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.