މާލެ، ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި، އެ ގެއަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި 4 މީހުން މަސް ދުވަހަށް ފަހު ދޫކޮށްލައިފި އެވެ.

އެ މީހުން ހައްޔަރުކުރީ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މިިދިޔަ މަހުގެ 8 ވަނަ ދުވަހުގެ ރެ އެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށިން ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެ އެވެ.

އެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ:

  • އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހް (23އ)
  • ނ. ވެލިދޫ، އެލަސް، އިބްރާހީމް އަހްނަފް (21އ)
  • ނ. މަނަދޫ، ހަވޭލި، މުހައްމަދު އަޒާން (23އ)
  • ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު (21އ)

ކްރިމިނަލް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް ދެ ފަހަރެއްގެ މަތިން 30 ދުވަސް ޖަހާފަ އެވެ. ދެ ވަނަ ފަހަރަށް ޖެހި މުއްދަތު ހަމަވާތީ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ވަނީ އެދިފަ އެވެ.

ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި ފުލުހުންގެ ފަރާތުން ވަނީ އެ މީހުންގެ މައްޗަށް ދައުވާކުރަން މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފަ އެވެ. ޕީޖީ އޮފީހަށް މައްސަލަ ބަލައިގަނެފައިވާތީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އެ އޮފީހުގެ ފަރާތުން ހުށަހެޅި އެވެ.

އެހެންނަމަވެސް ކޯޓުން ވަނީ ޝަރުތުތަކާ އެކު އެ މީހުން ބަންދުން ދޫކޮށްލުމަށް ނިންމާފަ އެވެ. އެގޮތަށް ނިންމާފައި ވަނީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުގައި ބައިތިއްބަން އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *