ރާއްޖެއިން ނެދަލަންޑްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ގީލާ އަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ނެދެލެންޑްސްގެ ރަސްގެފާނު ވިލްއެމް-އެލެގްޒެންޑައަށް އަރުވައިފި އެވެ.

ބެލްޖިއަމްއަށާއި ޔޫރަޕިއަން ޔޫނިއަންއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ގީލާ، ވިލްއެމް-އެލެގްޒެންޑައަށް ފަތްކޮޅު އެރުވީ ދަ ހޭގުގައި ހުންނަ ‘ނޫރުދެއިންދް’ ޕެލަސްގައި އިއްޔެ ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތަށްފަހު ބޭއްވި ޕްރައިވެޓް އޯޑިއަންސްގައި ގީލާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ނެދަލަންޑްސްގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފަ އެވެ. އަދި ރާއްޖެ އާއި ނެދަލަންޑްސް އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަގީންކަން އެކަމަނާ އެރުވި އެވެ.

ރާއްޖެ އާއި ނެދަލަންޑްސް އާ ދެމެދު އޮތް ގުޅުމަށް 45 އަހަރު ވެފައިވާއިރު، ފަތުރުވެރިކަމަށާއި ތަރައްގީގެ މަޝްރޫއުތަކުގައި ނެދަލަންޑްސްއަކީ މުހިންމު ބައިވެރިއެކެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ގީލާގެ އަރިހުގައި އެކަމަނާގެ ފިރިކަލުން އަބްދުﷲ މުޝްރިފް އަދި ބެލްޖިއަމްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، މުހައްމަދު ޝައްފާއު އިބްރާހީމް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *