ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް އައިސްފައިވާތީ، އެތަނުން ގޯތި ލިބުނު މީހުންގެ މެދުގައި އަންނަ ހޮނިހިރު ދުވަހު ގުރުއަތު ނަގަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކުރިން ހަދާފައިވާ ލޭންޑް ޔޫސް ޕްލޭންގައި 610 ގޯތި މަދުވާތީ، އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް މިދިޔަ ހޯމަ ދުވަހު ގެޒެޓްކޮށްފައިވާ ކަމަށެވެ.

އާ ޕްލޭނާއެކު ގިރާވަރުފަޅުން 4،072 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެބަދަލާއެކު، ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ކަނޑައަޅާފައިވާ ބިމުގެ ސަރަހައްދުތަކަށް ބަދަލުއައިސް، އާ ލޮޓް ނަންބަރު ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންކަމުން، އާ ޕްލޮޓްތަކުގެ ގުރުއަތު ނެގުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ 9:30 ގައި ސޯޝަލް ސެންޓަރުގައެވެ. ގުރުއަތު ނަގާ ހޯލަށް ވަދެވޭނީ ބިން ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށްވެސް އެކަކަށެވެ.

މިނިސްޓްރީން ބުނީ، ގުރުއަތު ނަގައިގެން ލިބޭ ޕްލޮޓް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ވަގުތުން އޮންލައިންކޮށް ފެންނާނެ ކަމަށާއި، އެމީހަމަށް ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ.

ގިރާވަރުފަޅުން ދޫކުރާ ގޯތިތަކުގެ ތަފްސީލް:

  • 1250 އަކަފޫޓިގެ 2603 ގޯތި
  • 1650 އަކަފޫޓުގެ 1214 ގޯތި
  • 2050 އަކަފޫޓުގެ 254 ގޯތި
  • 2450 އަކަފޫޓުގެ 1 ގޯތި

Leave a Reply