ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ނަޒްމުލް ހަސަން (27އ)އެވެ.

ފުލުހުން ބުނީ ނަޒްމުލް ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެ ޕޮލިސްގެ އޮޕަރޭޝަނަލް ސަޕޯޓާއެކު މިދިޔަ ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ލޮޓެއް ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ.

އެ ތަން ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 40ފުޅި ފެނުނު އިރު މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ބެލުމުގެ ދަށަށް ގެނައިކަމަށް ފުލުހުން ބުންޏެވެ.

އޮޕަރޭޝަންގެ ތެރެއިން، ތުހުމަތު ކުރެވޭ މީހާއާ ގުޅުންހުރި ކަމަށް ބެލެވޭ ސައިކަލެއް ބަލައި ފާސްކުރިއިރު، އެ ސައިކަލުގެ މަޑިދަށުން ވެސް ބަނގުރާ ފެނުނު ކަމަށާއި އެހެންވެ އެ ސައިކަލު ތަހުގީގުގެ ބޭނުމަށް ޓޯ ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ނަޒްމުލް ހަސަން މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުވެސްކޮށްފައެވެ.

Leave a Reply