ގިނަ ހާފިޒުންތަކެއް ތަމްރީނުކުރި ޅ. ނައިފަރުގެ “ގުރުއާން ލާނިން ސެންޓަރު” ތަރައްގީ ކުރުމަށް ވަގުފު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

ނައިފަރުގެ ގުރުއާން ލާނިން ސެންޓަރުގައި އެ ރަށުގެ ހާފިޒެއް ކަމަށްވާ ޝައިޚް އަހްމަދު ނާޒިލް ގެންދަވަނީ ގުރުއާން ހިތުދަސްކޮށްދިނުމުގެ ކްލާސްތަކެއް ހިންގަވަމުންނެވެ. އެ ކްލާސްތައް ކުރިއަށް ގެންދަވަނީ އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެންނެވެ.

މިފަހުން ބޭއްވި ހާފިޒުން ދަސްވެނިވުމުގެ ހާއްސަ ރަސްމިއްޔާތުގައި ޖުމްލަ 24 ދަރިވަރަކު ވަނީ ގުރުއާން ހިތުދަސްކުރުމުންދޭ ހާފިޒުކަމުގެ ސެޓްފިކެޓް ހާސިލުކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު ކުދިންނަކީ ނައިފަރުގެ ގުރުއާން ލާނިން ސެންޓަރުން ކިޔެވި ދަރިވަރުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ގިނަ ކުދިންތަކެއް ގުރުއާން ހިތުދަސްކުރި، ޅ. ނައިފަރުގެ ގުރުއާން ލާނިން ސެންޓަރު ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެ ސެންޓަރުން އެދިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ދީނީ ކަންތައްތަކަށް އެހީވާ ވަގުފު ފަންޑުން އެ ސެންޓަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް އިތުރު ތަފުސީލެއް ދެއްވާފައެއް ނުވެ އެވެ.

ނައިފަރަކީ އެ ރަށަކަށް ގިނަ އަދަދެއްގެ ހާފިޒުން ނިސްބަތްވާ ރަށެކެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާން ހާފިޒުން ހިމެނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *