
ވ. ފެލިދޫ ކައިރީން ލޯންޗެއް ބަންޑުން ޖަހާލައި، ގެއްލުނު އިންޑިއާ 2މީހުން ހޯދަން ވަރަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިމަހުގެ 20ވަނަ ދުވަހުގެ ރޭ ދަންވަރު އިންޑިއާގެ މަޝްހޫރު ރޭމަންޑު ގުރޫޕުގެ ޗެއާމަން ގޯތަމް ސިންގާނިއާ ދުއްވަންއިން އެ ލޯންޗުގައި 7މީހަކު ދަތުރުކުރިއެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ 2އަންހެނުންނާއި ގޯތަމް ހިމެނޭހެން އިންޑިއާގެ 5މީހެކެވެ.
ބާރު ސްޕީޑުގައި ދުއްވަނިކޮށް ލޯންޗު ވިއްސައިގެން ގޮސް، 5މީހަކު ވަނީ މޫދަށް ވެއްޓިފައެވެ. އެއީ ރަޝިއާ މީހާއާއި އިންޑިއާގެ 4މީހުންނެވެ. އޭގެތެރެއިން ގެއްލުނީ އިންޑިއާ 2މީހުންނެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެމީހުން ހޯދުމަށް ވައިގެ މަގުން 2544އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ. އަދި ކަނޑުގެ ސަތަހައިން 269އަކަ ނޯޓިކަލް މޭލު ބަލައިފައިވާކަމަށާއި ކަނޑު އަޑިން 253،662.6އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
“ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލައި ކުރިއަށްދާއިރު މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް އަންގަވައި ދެއްވުމަށް އިލްތިމާސްކުރަން.” އެމްއެންޑީއެފުން ބުންޏެވެ.
މިހާދިސާގައި ގެއްލުނު މީހުންގެތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގުވެސް ހިމެނެއެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































