ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި އެމްއެންޑީއެފްގެ އޮފިސަރުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލީ ސިވެކްގެ “އެލްސީ 308” ލޭންޑިން ކްރާފްޓެއް ކަމަށެވެ. އެ އުޅަނދުން ހަ މީހަކު ދަތުރުކުރި ކަމަށެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ތިން ސިފައިންނާ އަދި ތިން ބިދޭސީން ކަމުގައި ފާހަގަކުރި އެވެ.

އެ އުޅަނދު ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމާ އެކު ކަނޑުމަގުންނާއި ވައިގެމަގުން އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބިގެން އެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ކުރަމުންދާ ކަމުގަ އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހުންގެ ތެރެއިން ފެނިފައި ވަނީ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ކަމަށެވެ. އޭނާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އޮފިސަރު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހާމިދު، މި ދުނިޔެ އާއި ވަކިވެގެންދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ.

ހާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާ އެކު 27 އަހަރު ހިދުމަތް ކުރައްވާފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ ވެސް ގައުމީ ހިދުމަތަށް ޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް ކަމުގަ އެވެ.

“މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާ އާއި މުއައްސަސާ އާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުހޫމުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން އިތުރުކޮށްދެއްވުން އެދި ދުއާ ކުރަމެވެ.” ރައީސް ވިދާޅުވި އެވެ.

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Leave a Reply