ލިވަޕޫލުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ، ރައީސް މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން މިއަދު މެންދުރު ދިވެހި ދަރިވަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދަރިވަރުންގެ ތަޢުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާއި ގުޅޭގޮތުން އެމަނިކުފާނު އޮޅުންފިލުއްވިއެވެ.

މަތީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަގީންކަން ރައީސް އެ ދަރިވަރުންނަށް ދެއްވި އެވެ.

ދަރިވަރުން މަތީ ތަޢުލީމް ހާސިލްކުރުމުގައި ލިބިފައިވާ ކާމިޔާބީތަކާއިމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ގައުމުގެ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ކަންކަމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެެއްވިއެވެ.

ރައީސް މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ މިފަދަ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިރައްޔިތުންނާ އަދި އެ ގައުމުތަކުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެކެވެ.

އެ ބައްދަލުވުންތަކުގައި ދިވެހީންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވައި، އެކަމަށް ހައްލުތައް ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *