
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ނަމަވެސް ނުހެދި ތިބި ފަރާތްތަކުން އެ ގޯތި ދޫކޮށްލުމުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ބިންވެރިޔާގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރޭގައި އެ ގޯތި ހެދޭނެ ވަކި ދުވަހެއް ނޭންގޭ ނިކަމެތިންވެސް އެބަތިބި ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން އެކަމަށް ލުޔެއް ހޯދައިދިނުމަށް އެދެމުންދާ ކަމަށެވެ.
“އެފަރާތްތަކުން އެ ގޯތި އިމާރާތް ކުރަން ދުވަސް ނަގާނެތީވެ ވަރަށް ގިނަ ރައްޔިތުން އެބަ އެދޭ ކޮންމެވެސް ފުރުސަތެއް ހުޅުވާލެވިގެންދާނެތޯ ގޯތި ދޫކޮށްލާފައި މިހާރު މި އަޅަމުންދާ ފްލެޓް ކެޓެގަރީއަށް އެދުމުގެ ފުރުސަތު. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފައި އެކަމަށް ގުޅުވާލެވޭނެ ގޮތެއް މި ކަނޑައެޅީ،” ރައީސް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ވިދާޅުވި ގޮތުގައި، ގޯތި ލިބިފައި ތިބި މީހުންނަކީ ކުރިން ގޯއްޗެއް ލިބިފައި ނެތް މީހުންނަށްވުރެ ރަނގަޅު ހާލަތެއްގައި ތިބި ބައެއް ކަމުން، ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދިން ނަމަވެސް އެމީހެއްގެ ހާލަތަށް ރިއާޔަތް ކުރާނެ ކަމަށެވެ.
ގޯތި ދޫކޮށްލައި ފްލެޓަށް އެދުމުގެ ފުރުސަތު ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަސްތެރޭގައި ހުޅުވައިލާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































