ދިވެހީންނަށް ލަންކާއިން ވިސާ ލިބުމުގައި ދަތިވާ މައްސަލަ ހޫނުވެފައިވަނިކޮށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު، ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމާލު ރާޖަޕަކްސައާ ބައްދަލުކުރައްވައިފި އެވެ.

ނިމިގެން މިދިޔަ ހަފްތާގައި އިމާދު ލަންކާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ލަންކާއިން ދިވެހީންނަށް ވިސާ ދިނުމުގައި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ދޮން ނަސްލުގެ މީހުންނަށް ފަސޭހައިން ވިސާ ލިބޭއިރު ދިވެހީންނަށް ވިސާ ލިބެނީ އެތައް އިރަކު ކިއު ޖެހިގެން ކަމަށެވެ.

އެ މައްސަލަ ހޫނުވެފައިވަނިކޮށް ލަންކާގެ އިދިކޮޅުގައި މިހާރު އޮތް އެސްއެލްޕީޕީ ޕާޓީގެ ފަރާތުން ގާނުނު ހަދާ މަޖިލީހުގައި ތަމްސީލުކުރައްވާ މެމްބަރު ނަމާލް ރާޖަޕަކްސާ އެކްސްގައި ވިދާޅުވީ އެ ޕާޓީގެ އޮފީހުގައި މިއަދު އިމާދުއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ނިމާލު ވިދާޅުވީ ގިނަ ދިވެހީންނަށް ލަންކާއަކީ ދެވަނަ “އަމިއްލަ ގައުމު” ކަމަށާއި ދެ ގައުމުގެ ގުޅުން ވަރުގަދަކުރެވޭނީ ރަނގަޅަށް ވާހަކަ ދައްކައިގެން ކަމަށެވެ. އަދި އެއާއެކު ދެ ގައުމުގެ ދެމެދުގައި ކަންކަމުގައި އެއްބަސްވުމަކަށް އައިސް ގުޅުން ހަރުދަނާ ކުރެވޭނެ ކަމަށެވެ.

އަދި އެއާއެކު ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ވެސް ނަމާލް ވިދާޅުވި އެވެ.

ރާއްޖޭގެ ސަފީރުގެ ވާހަކަތަކާ ގުޅިގެން ލަންކާގެ ސަރުކާރުން އަދި ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ބޭސް ފަރުވާއަށާއި ޗުއްޓީ ހޭދަކޮށްލުމަށާއި އަދި ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދެއްގެ ދިވެހީން ލަންކާގއި ދިރި އުޅެއެވެ.

Leave a Reply