
ޝަކުވާތައް ބޮޑުވުމުން ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ތެލެސީމިއާ ސެންޓަރުގެ އިސް ދެ ވެރިޔަކު މަގާމުތަކުން ވަކިކޮށް އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.
ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން ވަނީ ހޮނިހިރު ދުވަހުގެ ރޭ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ.
އެ މީހުން މުޒާހަރާކޮށްފައި ވަނީ ލިބެން ޖެހޭ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބި ދިގުލައިގެން ދިއުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އެމްބީއެސް ހިންގުމާ ހަވާލުވެ ތިއްބެވި ފަރާތްތަކާ އެކު ބައްދަލުވުމެއް ބޭއްވި ނަމަވެސް ހައްލަކާ ހަމައަށް ދެވިފައިނުވާ ކަމުގެ ޝަކުވާ އެ މީހުން ކުރި އެވެ.
މުޒާހަރާއާ ގުޅިގެން ޖެހިގެން އައި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެތަނަށް ޒިޔާރަތްކުރައްވައި ތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. އެ ވަގުތު ލޭއަޅަން ސެންޓަރުގައި ތިބި ޕޭޝަންޓުންނާ ބައްދަލުކޮށް އެ މީހުންގެ ކަންބޮޑުވުންވެސް ރައީސް އޮޅުން ފިލުއްވެވި އެވެ.
ހެލްތް މިނިސްޓްރީގެ އޮފިޝަލަކު “ދެން” އަށް މިއަދު ވިދާޅުވީ ބަލި މީހުންގެ ޝަކުވާތަކާ ގުޅިގެން ސެންޓަރުގެ އެތެރޭގެ ހިންގުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަރު އަހުސަން ހުސައިން އާއި ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފައިސަލް އިބްރާހީމް މަގާމުން ވަކިކޮށް އެހެން ޑިޕާޓްމެންޓަކަށް ވަނީ ބަދަލުކޮށްފަ އެވެ.
އަހުސަން ބަދަލުކުރީ އަތޮޅުތެރޭގެ ކަންކަން ބަލަހައްޓާ ރީޖަނަލް އެންޑް އެޓޯލް ހެލްތް ސާވިސަސް (ރާސް) އަށެވެ. އަދި ހުސެއިން ބަދަލުކުރީ އޭނާ ކުރިންވެސް މަސައްކަތްކުރި ދަމަނަވެއްޓަށެވެ.
ސެންޓަރަށް ކުރެއްވި ޒިޔަރާތަށް ފަހު ދެއްވި އިންޓަަވިއެއްގައި ރައީސް ވިދާޅުވީ މީގެ ކުރިން ތެލަސީމިއާ ސެންޓަރުގެ ހާލަތު އެނގިވަޑައިނުގަންނަވާ ކަމަށާއި، ސެންޓަރުގައި ހުރި މައްސަލަތަކަށް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހައްލު ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެެވެ.
އަދި މިހާރު ތިބި ނަރުހުންގެ އަދަދު މަދުވުމާ އެކު ނަރުހުން ހޯދޭނެ ގޮތާއި ސީނިއާ ފިޒީޝަނެއް ހަމަޖެއްސުމުގެ އިތުރުން ލެބޯރެޓަރީއަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހޯދޭނެ މަގުފަހިކޮށްދިނުމަށް ދަންނަވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށްވެސް ރައީސް މުއިއްޒު ހާމަކުރެއްވި އެވެ.
ފައިސާގެ ގޮތުން ދަތިތަކެއް ދިމާވެގެން ކަމެއް ހައްލުނުވެ ނޯންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ރައީސްގެ އެ ޒިޔާރަތަށް ފަހު މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އަހުމަދު މައުސޫމް ވަނީ ހަމަޖައްސާފަ އެވެ.
ތެލެސީމިއާ ސެންޓަރު 2017 ވަނަ އަހަރުން ފެށިގެން ހިންގަމުން އައީ ޑީޖޭއެއް ނެތި އެވެ.