ނޭޝަނަލް ތެލެސީމިއާ ސެންޓަރުން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި އެވެ.

ތެލެސީމިއާ ސެންޓަރުން ކުރިން ހިދުމަތް ދެމުން ގެންދިޔައީ ކޮންމެ ހޮނިހިރަކުން ބުރާސްފަތި ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށެވެ.

ނަމަވެސް އެ ސެންޓަރުގެ ކަންކަން ބަލަހައްޓާ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަަމަށެވެ. އެގޮތުން އެ ސާވިސަސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށް ކަމަށް އެމްބީއެސްއިން ބުންޏެވެ.

އެއާއެކު ކުރިން 12 ގަޑިއިރަށް ހިދުމަތް ދެމުން ދިޔަ ތެލެސީމިއާ ސެންޓަރުން ދެން 13 ގަޑިއިރު މެދުނުކެނޑި ހިދުމަތް ލިބޭނެ އެވެ.

ތެލެސީމިއާ ސެންޓަރުން ހިދުމަތްތައް ދޭ ގަޑިތައް:

  • އެޗްބީ ބެލުމަށް ސާމްޕަލްނެގުން (ހޮނިހިރު – ބުރާސްފަތި) – 08:00 – 20:00 އަށް
  • ކްރޮސްމެޗް ހެދުމަށް ސާމްޕަލްނެގުން (ހޮނިހިރު – ބުދަ) – 08:00 – 20:00 އަށް
  • ކްރޮސްމެޗް ހެދުމަށް ސާމްޕަލްނެގުން (ބުރާސްފަތި) – 08:00 – 17:45 އަށް
  • ތެލެސީމިއާ ސްކްރީނިން – 08:30 – 13:00 އަށް
  • ތެލެސީމިއާ ކާޑު ދޫކުރުން – 08:00 – 14:00 އަށް
  • ޑޯނަރުން ގައިން ލޭ ނެގުން – 08:00 – 19:45 އަށް
  • ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުން – 08:00 – 19:30 އަށް
  • ލޭ ގުޅައިދިނުން (1 ޔުނިޓް) – 08:00 – 16:30 އަށް (ހުރިހާ އުމުރު ފުރައަކަށް)
  • ލޭ ގުޅައިދިނުން (2 ޔުނިޓް) – 08:00 – 14:30 އަށް (ހުރިހާ އުމުރު ފުރައަކަށް)
  • ޑޮކްޓަރުން ބެއްލެވުން – 08:00 – 20:30 އަށް

ތެލެސީމިއާ ސެންޓަރުން ދެމުން ގެންދާ ހިދުމަތްތަކާ ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކުރި ފަހުން ސަރުކާރުން ވަނީ އެތަން ރިފޯމް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން ތަނުގެ ބައެއް އިސްވެރިން ވަކިކޮށް، އާ ބޭފުޅުން މަގާމުތަކަށް ވަނީ ހަމަޖައްސާފަ އެވެ.

އަދި އަންނަ މޭ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން މާލޭގައި ހުރި ނޭޝަނަލް ތެލެސީމިއާ ސެންޓަރު، ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާ ބިލްޑިންއަށް ބަދަލު ކުރަން ވެސް ވަނީ ނިންމާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *