ސްރީ ލަންކާ ކައިރިން ބޭ އޮފް ބެންގާލްގައި އުފެދުނު ބާރުގަދަ “ޑިޓުވާ” ތޫފާން އިންޑިއާގެ ޗެންނާއީއާ ހިސާބަށް ދަތުރުކޮށް، އިއްޔެ ރެއިން ފެށިގެން ބޯކޮށް ދަނީ ވާރޭ ވެހެމުންނެވެ.

ޗެންނާއީގެ ރީޖަނަލް މީޓިއޮލޮޖިކަލް ސެންޓަރު (އާރްއެމްސީ) އިން އަންދާޒާކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން ތޫފާނުގެ ބާރު ދަށްވެ، ލޯ ޑިޕްރެޝަނަކަށް ދާނެ އެވެ. އަދި މިއަދު ވެސް ޗެންނާއީގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދު އިރުއެރިއިރު އެ ހިސާބުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ. އެހެންވެ، ސްކޫލުތަކާއި ކޮލެޖުތަކުގެ އިތުރުން އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ބައެއް ފްލައިޓްތައް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

އެ ތޫފާން މިހާރު ދަށް ޕްރެޝަރުގައި ދަތުރުކުރަމުން ދަނީ އިންޑިއާގެ އުތުރާ ދިމާލަށެވެ. މި ތޫފާނުގެ ބާރު އިތުރަށް ދާނީ ދަށްވަމުންނެވެ.

އާރްއެމްސީން ވަނީ ޗެންނާއީ ހިސާބަށް އޮރެންޖު އެލާޓު ނެރެފަ އެވެ. އަދި ޓިރުވައްލޫރު ހިސާބަށް ވަނީ ރަތް އެލާޓު ނެރެފަ އެވެ.

ތޫފާނުގެ ބާރު އެންމެ ބޮޑަށް ފެނުނީ ސްރީލަންކާއަށެވެ. އެގޮތުން ލަންކާގެ ފަރުބަދަތައް ހުންނަ ހިސާބުތަކަށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން އެތައް ގެއްލުމެއް ވަނީ ލިބިފަ އެވެ. 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 400 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭންގި ގެއްލިފަ އެވެ. އެތައް ބައެއްގެ ގެދޮރު ހަލާކުވެ، ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

Leave a Reply