ތުރުކިޔޭގައި އަލަށް ގާއިމުކުރެވުނު ރާއްޖޭގެ އެމްބަސީ ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި ތުރުކިޔޭގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު މެހްމެތް ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކިޔޭއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުއްރަހީމް އަބްދުއްލަތީފް އިސްވެ ތިއްބަވާ އެމްބަސީ ރަސްމީކޮށް އިފުތިތާހުކޮށްދެއްވާފައި ވަނީ އެމްބަސީގައި އިއްޔެ ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކަށް ފަހުގަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތުރުކިޔޭގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުވެގެން ދިއުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށާއި ތުރުކިޔޭގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލަ ހިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

މި އެމްބަސީ ވާނީ ދެ ގައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގޮތުން ގުޅުން ހަރުދަނާ ކުރުމަށް އިތުރު ފުރުސަތުތައް ހޯދުމުގެ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެމްބަސީ އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ދެއްކެވި ވާހަކައިގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއްގެ ގޮތުން ތުރުކިޔޭގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށާއި އިގުތިސޯދާއި ދިވެހި ސަގާފަތް ކުރިއެރުވުމަށާ އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ބޮޑު ކަމުގައި ފާހަގަކުރެއްވި އެވެ.

ތުރުކިޔޭގައި އަލަށް ގާއިމުކުރި ރާއްޖޭގެ އެމްބަސީ ރަސްމީކޮށް އިފުތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ފޮރިން މިނިސްޓްރީ

އޭގެ އިތުރުން ތުރުކިޔޭގައި ދިރިއުޅޭ ދިވެހިންނާ ގާތުން ކޮންސިއުލަ ހިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީއެއް ހުރުން ވަރަށް މުހިންމު ކަމަށް ހަލީލު ވިދާޅުވި އެވެ. އެމްބަސީ މެދުވެރިކޮށް ތުރުކިޔޭގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންނަށް ދިމާވާ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ މަސައްކަތްތައް ފުރިހަމަކަމާ އެކީ ކުރެވިގެންދާނެކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.

ތުރުކިޔޭގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރުގެ ވާހަކައިގައި އެ ގައުމާއި ރާއްޖެ އާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އެގޮތުން ފަތުރުވެރިކަމާއި ސަގާފަތާއި އިގުތިސޯދު އަދި ތައުލީމީ ދާއިރާއިން ގުޅުންތައް އިތުރަށް ތަރައްގީވެފައިވާކަން ފާހަގަކުރެއްވި އެވެ.

ރަސްމިއްޔާތުގައި ތުރުކިޔޭގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރުގެ އަރިހުގައި މޯލްޑިވްސް-ތުރުކިއޭ އިންޓަ ޕާލަމަންޓަރީ ފްރެންޑްޝިޕް ގްރޫޕުގެ ޗެއާޕާސަން ޑރ. އުއްމުގުލްޝެން އޮޒްޓަކް އާއި ގްރޭންޑް ނޭޝަނަލް އެސެމްބްލީ އޮފް ތުރުކިޔޭގެ މެމްބަރުންނާއި އެ ގައުމުގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ވެރިންނާއި ގައުމުގެ އިސް ވިޔަފާރިވެރިންނާ އަދި މީޑިއާގެ ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.

ފޮރިން މިނިސްޓަރު ހަލީލުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު އަދި ސީނިއަ އަންޑަ ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބު ބައިވެރިވެވަޑައިގެންފައިވެ އެވެ. އޭގެ އިތުރުން ތުރުކިޔޭގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މުވައްޒަފުންނާއި އަންކާރާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވެސް ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *