ތިން ރަށެއްގައި އައިޑީ ކާޑު ހަދައިދިނުމުގެ މަސައްކަތް އަލަށް ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަަނަލް ރެޖިސްޓްރޭޝަން(ޑީއެންއާރު)އިން މިއަދު އެކްސްގައި ބުނީ އައިޑީ ކާޑު އަލަށް ހަދައިދޭން ފެށީ ތ. ގުރައިދޫއާއި ތިމަރަފުއްޓާއި  އދ. މާމިނގިލީގައި ކަމަށެވެ.

ތިމަރަފުއްޓާއި ގުރައިދޫގައި ކާޑު ހަދައިދިނުމުގެ މަސައްކަތް ފެށިއިރު ތ. ވިލުފުއްޓާއި އެ އަތޮޅުގެ ވޭމަންޑޫގައި ވެސް އޮތީ އެ ހިދުމަތް ފަށައިފަ އެވެ.

އަދި މާމިނގިލީގައި ހިދުމަތް ފެށިއިރު އެ އަތޮޅުގެ ވެރިކަން ކުރާ މަހިބަދޫގައި މިހާރުވެސް ކާޑު ހައްދައިދެ އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އަދި އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ހުރިހާ އަތޮޅެެއްގައި މިދިޔަ މަހު ވަނީ އައިޑީ ކާޑު ހަދައިދޭން ފަށައިފަ އެވެ.

އަސާސީ ގިނަ ހިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ހިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.

އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް އެ ހިދުމަތް ފެށުމަށް ވެސް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމި ދަތުރުފުޅުގައި ވަނީ މެލޭޝިއާގައި އައިޑީ ކާޑާއި ޕާސްޕޯޓް ޕްރިންޓްކުރުމުގެ ހިދުމަތް ވަނީ ފަށައިފަ އެވެ

Leave a Reply