
ތިނަދޫ ސިޓީގައި 50ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއެވެ. އެ މަޝްރޫއުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ 50ހައުސިން ޔުނިޓެވެ. މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 450ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާތަކުގެ އިއްޒަތްތެރި މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ތިނަދޫ ސިޓީގައި މިހާރު އިމާރާތްކޮށްފައިވާ 200ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވާއިރު، ޖުމްލަ 1022ފަރާތަކުން ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ.
އަދި އެ އެޕްލިކޭޝަންތައް އިވަލުއޭޓް ކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުންދާއިރު، އެޕްލިކޭޝަންތައް އިވަލުއޭޓުކޮށް ނިމުމުން، ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައަޅައި، އެކަން މިނިސްޓްރީއިން އާންމުކޮށް އިއުލާނުކުރާނެއެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































