
މާލޭގެ ގެއެއްގައި ދެ ލޯބިވެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ބުނީ މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި، އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިއަދު ހެނދުނު 10:05 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިމާރާމާރީގައި އަނިޔާވެފައި ވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ. މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ.
މި މާރާމާރީގައި ދެމީހުންނަށްވެސް އަނިޔާވެފައިވާތީ ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި މިވަގުތު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގޮތުން ގުޅިގެންއުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިންގި މާރާމާރީއެއްކަން އެނގިފައިވާ ކަމަށެވެ.



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































