ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް މަޖިލީހުން ބިލު ފާސްކުރި ފަހުން އެ ބިލު ތަސްދީގުވެސްކޮށްފައިވާ އިރު ދެން އޮތީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްނެގުމެވެ. އެ ވޯޓު ނަގާނީ އަންނަ މަހު ހަތަރެއްގައި ބައްވާ ލޯކަލް ކައުންސިލް އިންތިހާބާއެކުއެވެ.

އެ ވޯޓު ނަގަން ކުޑަތަންވަމުން އަންނައިރު ގާސިމް އެކްސްގައި ވިދާޅުވީ 2008ގެ ރިޔާސީ އިންތިހާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަމީ ހަގީގަތެއް ކަމަށާއި 2019އަދި 2023ގެ އިންތިހާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވަ ކަމަށެވެ.

އެހެންކަމުން މިހާރު މިއޮތް ގޮތުން ރައްޔިތުން 5އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ކުރާފަރާތަށް ޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ 6މަސްދުވަސް އެކަމުގައި ހޭދަކުރަން ކަމަށް ގާސިމް ވިދާޅުވިއެވެ.

“އަދި މީގެ އިތުރުން މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސް އަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައިވެއެވެ.” ގާސިމް ވިދާޅުވިއެވެ.

އެހެން ކަމުން ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމަށާއި އަންނަ މަހު ބައްވާ އިންތިހާބުގައި ނަގާ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލަން ވޯޓު ދޭން ގާސިމް ރައްޔިތުންނަށް އިލްތިމާސްވެސް ކުރެއްވިއެވެ.

“އެހެނީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ވޯޓު އޮންނަ ދުވަހު، މަޖިލީސް އިންތިހާބު ބޭއްވުމުން ފައިދާބޮޑީ ހުރިހާގޮތަކުންވެސް ރައްޔިތުންނަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން 120މިލިއަންއަށް ވުރެ ގިނަފައިސާ ސަލާމަތްކުރެވުމާއި، އެފައިސާ ރައްޔިތުންގެ އެހެންބޭނުންތަކަށް ބޭނުންކުރުމަށް ފުރުޞަތުލިބިގެންދިއުމާއި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާއި ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިހާބާއި ގުޅުންހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތު ތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.” ގާސިމް ވިދާޅުވިއެވެ.

Leave a Reply