
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމަވައިފިއެވެ.
ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅި އެ ބިލުގައިވާ ގޮތުން، މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން، ރައީސް ހޮވަން ބާއްވާ އިންތިހާބާ އެކުގައެވެ.
އެ އިސްލާހުގައި، މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 5އަހަރު ދުވަސް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެ ބިލު ތަސްދީގު ކުރުމާއެކު، މިހާރު މިހިނގާ 20ވަނަ މަޖިލީހުގެ ދައުރު ގާތްގަނޑަކަށް 5މަހަށް ކުރުވެގެންދާނެއެވެ.
މަޖިލީހުން އެ ބިލު ފާސްކޮށްފައި ވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ގާނޫނުއަސާސީ 262ވަނަ މާއްދާގެ ދަށުން، އެ ބިލުގައި ހިމެނޭ އިސްލާހުތައް ގެނައުމަށް މަޖިލީހުން ބިލެއް ފާސްކުރާ ހާލަތުގައި، ރައީސް އެ ބިލު ތަސްދީގު ކުރައްވަންވާނީ ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި އެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާތާ 15ދުވަސް ތެރޭގައި، ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިފައިވާނަމަ އެ ބިލު ތަސްދީގުކުރަން ވާނެ ކަމަށާއި، ނަމަވެސް އަޣުލަބިއްޔަތު ނުލިބެއްޖެނަމަ ބިލު ބާތިލުވާނެކަމަށް ގާނޫނުގައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެހެންކަމުން، ހިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަސް ކަމަށްވާ އޭޕްރީލް 4ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ހިޔާލު ހޯދުމުގެ ސުވާލުގައި އޮންނާނީ؛
“ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ‘ގާނޫނުއަސާސީއަށް 8ވަނަ އިސްލާހު ގެނައުމުގެ ބިލު’ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟”
ރައީސް އޮފީހުން ބުނީ އެ ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލެކްޝަން ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































