ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ދޭ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ކޮންމެ އަހަރަކު މޭ މަހުގެ 31 ވަނަ ދުވަސް ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސްގެ ގޮތުގައި ފާހަގަކުރާ އިރު އެ ދުވަހުގެ މުނާސަބަތާ ގުޅިގެން ދުނިޔޭގެ ސިއްހީ ޖަމިއްޔާއިން ދަނީ “ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް”ގެ ނަމުގައި އެވޯޑެއް ދެމުން ނެވެ. މިއީ  ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެ މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ދޭ އެވޯޑެކެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޑަބްލިޔުއެޗްއޯގެ ވެބްސައިޓުގައި ހިމެނޭ  ފޯމް ފުރިހަމަ ކުރުމަށްފަހު މި މަހުގެ 16  ވަނަ ދުވަހުގެ ކުރިން އެވޯޑަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމައު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރާ އަދި ވަކީން ހާއްސަކޮށް އެ އަހަރެއްގެ “ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް” ގެ ޝިއާރާ ގުޅުން ހުރި މަސައްކަތްތައްކޮށްފައިވާ އަދި ކުރަމުން ގެންދާ ފަރުދުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި އިދާރާތަކުން އެ އިނާމަށް ކުރިމަތިލެވޭނެ ކަމަށެވެ.

Leave a Reply