
ސްޓޫޑަންޓް ލޯނާއި ސްކޮލަޝިޕްގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޖަމާކުރަން ޖެހޭ ޓިއުޝަން ފީއާއި ސްޓައިޕެންޑް ފައިސާ ޖަމާކުރުން ލަސްވާތީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރުއާ މަޖިލީހުގައި ސުވާލުކުރަން މިއަދު ހުށަހަޅައިފި އެވެ.
ހައިދަރުއާ ސުވާލުކުރަން ހުށަހެޅުއްވީ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އެވެ.
ހައިދަރުއާ ސުވާލުކުރުމަށް އެދި އަޒާން ފޮނުއްވި ނޯޓިސްގައި ވިދާޅުވެފައިވާ ގޮތުން ޓިއުޝަން ފީއާއި ސްޓައިޕެންޑް ފައިސާ ޖަމާކުރުން ލަސްވާތީ އެކަމުގެ ކަންބޮޑުވުމާއި ޝަކުވާ ދަރިވަރުންނާއި ބެލެނިވެރިން އޭނާއަށް ވަނީ ހުށަހަޅައިފަ އެވެ.
ލޯނު އަދި ސްކޮލަރޝިޕްތަކުގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ ބައެއް ގޮންޖެހުންތަކާއި ގުޅޭގޮތުން ދަރިވަރުން ހިއްސާކޮށްފައިވާ ޝަކުވާތަކާއި ގުޅިގެން، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ.ހައިދަރާއި ސުވާލު ކުރުމަށް މިއަދު ހުށަހަޅައިފިން. https://t.co/OK3JTj2u3o pic.twitter.com/Tygg4M1IuX
— Ahmed Azaan (@axanner) March 17, 2025
އެހެންވެ އަޒާން އެދިވަޑައިގެންފައިވަނީ އެކަންކަން ލަސްވުމަށް މެދުވެރިވާ ސަބަބުތައް ނައްތާލުމަށް ކުރެވިފައިވާ މަސައްކަތްތައް ސާފުކޮށްދިނުމަށެވެ.
އޭގެ އިތުރުން ދަރިވަރުން ފޮނުވާ އީމެއިލްތަކާއި ސިޓީތަކަށް ޖަވާބު ދިނުން ލަސްވާކަމުގެ ކަންބޮޑުވުމާއި ޝަކުވާވެސް ހުށަހަޅާފައިވާ ކަމަށް އަޒާން ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވެއެވެ.
އެެހެންވެ އަޒާން އެދިވަޑައިގެންފައިވަނީ އެކަން އެގޮތަށް މެދުވެރިވާ ސަބަބާއި އެކަން ހައްލުކުރުމަށް އަޅާފައިވާ އަދި އަޅަމުންދާ ފިޔަވަޅުތައް ސާފުކޮށްދެއްވުމަށެވެ.