ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މަގާމާ ހަވާލުވުމަށް ފަހު އަގު ބޮޑު ފްލެޓެއް ބައްލަވައިގެންނެވި ކަމަށް ބުނާ ވާހަކަތައް އޭނާ މިރޭ ދޮގުކޮށްފި އެވެ.

ފަހުމީ މިރޭ ‘އެކްސް’ ކުރި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ، ބައެއް ފަރާތްތަކުން އޭނާގެ އަބުރަށް އަރައިގަނެ، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ހަގީގަތާ ހިލާފު، އަސާސެއްނެތް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

އެހެންވެ ފްލެޓް ގަތުމުގެ ކަންކަން އަސްލު ހިނގައިދިޔަ ގޮތް ފަހުމީ ވަނީ ސާފުކޮށްދެއްވައިފަ އެވެ.

“މި ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް.” ފަހުމީ ވިދާޅުވި އެވެ.

އެހެންކަމުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް މީހުންގެ އަބުރަށް ހުތުރުވާފަދަ، އެފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ފަހުމީ އިލްތިމާސްކުރެއްވި އެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނައިރު އޭނާ ކުރަމުންދާ ގައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިހުތިރާމްކޮށް، މަރުހަބާ ކިޔާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *