
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ބޭނުންވާ މީހުނަށް މާލެ ސިޓީ ކައުންސިލުން ޑެސްކް ބަހައްޓަައި ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު އިއުލާންކުރި ގޮތުގައި އެހީތެރިކަން ފޯެރުކޮށްދޭ މޭޒުތައް ބަހައްޓާފައި ވަނީ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގަ އެވެ.
ހުކުރު ދުވަހު ފިޔަވައި ކޮންމެ ދުވަހަކު އެ މޭޒުތަކުން ހިދުމަތް ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ؛
- މި ހަފުތާގައި ޑެސްކުން ހިދުމަތް ދޭނީ ހެނދުނު 10:00 އިން މެންދުރު 2:30 އަށް އަދި ރޭގަނޑު 9:30 އިން 11:00އަށް
- އަންނަ ހަފުތާއިން ފެށިގެން އޭޕްރީލް 15 އަށް ހިދުމަތް ދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00އަށް
މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ.
ފްލެޓް ލިސްޓް މި ސަރުކާރުން މުރާޖާކުރީ އޭސީސީން ދިން އިރުޝާދުތަކަށް ފަހުގަ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 1،820 މީހުންނަށް ކަމަށެވެ.
ވެރިފިކޭޝަން މަރުހަލާ ނިމުނުއިރު، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 75 ޕޮއިންޓަށް ވުރެން މަތިން ޕޮއިންޓް ލިބިފައި ވަނީ 1،423 ފަރާތަކަށް ކަމުގަ އެވެ. ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 73 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވަނީ 397 ފަރާތަކަށް ކަމުގައި މުއްތޮލިބު ވިދާޅުވި އެވެ.