
ފުލުހުންނާ ހުތުރު ބަހުން ވާހަކަ ދެއްކި މީހަކު މަސްތުވާތަކެތީގެ ތުހުމަތަށް ބަންދުކުރަން ފުލުހުން އުޅެފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކޮށްފައިވާ ކޯޓު އަމުރުން އެނގޭ ގޮތުގައި މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގއ. މާމެންދޫ އަށް ނިސްބަތްވާ 26 އަހަރުގެ ފިރިހެނަކު ފުލުހުންގެ ހައްޔަރަށް ގެންދިޔަ އެވެ.
ކޯޓު އަމުރުގައި ބުނީ ފުލުހުން އެ މީހާ ބަލައި ފާސްކުރިއިރު ހަށިގަނޑުން މަސްތުވާތަކެއްޗެއް ފެނިފައިނުވާ ކަމަށެވެ.
އަދި ފުލުހުން ފެނުމުން އޭނާ އަޑުގަދަކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައިވުމަކީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ބެލެވޭނެ ފަދަ އެކަށީގެންވާ ސަބަބެއް ނޫން ކަމަށް ގާޒީ އިސްމާއިލް ޝަފީއު ނެރުނު ކޯޓު އަމުރުގައި ބުންޏެވެ.
ފުލުހުންނާ ހުތުރު ބަހުން ވާހަކަ ދައްކާ ކޮންމެ މީހަކީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި މީހެއް ކަމަށް ފުލުހުން ދެކޭނަމަ އެކަމުގެ ސަބަބުން އާބިޓްރަރީކޮށް މީހަކު ހައްޔަރުކުރުމަށް ހުޅުވޭ މަގެއްކަމުގައި ނޫނީ މިކަން ނުވާނެ އެވެ
ފުލުހުން އެ މީހާ ހުއްޓުވައި ބަލާފާސްކޮށް ހައްޔަރުކޮށްފައިވަނީ އޭނާ ކުށެއް ކުރަމުންދާ ކަމަށް ބެލެވޭފަދަ އެކަށީގެންވާ ސަބަބެއް މައްޗަށް ކަމުގައިނުވާތީ ކޯޓުން ވަނީ އެ މީހާ ދޫކޮށްލާފަ އެވެ.