ފުލުހަކު މަރާލި މީހާ މަރަން ކުރި ހުކުމް ކްރިމިނަލް ކޯޓުން އަނެއްކާވެސް ދަމަހައްޓައިފިއެވެ.

ކ. ކާށިދޫ، ސުވާސާގެ، މުހައްމަދު ސަމާހު، ރަސްމީ ޑިއުޓީ އަދާކުރަމުން ގެންދިޔަ ޕޮލިސް ސާޖަންޓު އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލީ 2012ވަނަ އަހަރުއެވެ. އަދި އެ މައްސަލަ ސާބިތުވާކަމަށް ކަނޑައަޅައި 14ޖަނަވަރީ 2013ދުވަހު، ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފައެވެ.

އެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަަވަރުކުރުމަށް ހައިކޯޓަށް ހުށަހެޅުމުން، ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް 30ސެޕްޓެންބަރު 2020ދުވަހު އެ އެކޯޓުން ވެސް އޮތީ ނިންމައިފައެވެ. ނަމަވެސް އެ ނިންމުން ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙްވީލުކުރުމަށް 2024ގައި އޮތީ ހުކުމުކޮށްފައެވެ.

އެކަމަކު ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށްފަހު، މިއަދު ކްރިމިނަލް ކޯޓުން ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސަމާހުގެ ސާބިތުވާކަމަށް ހުކުމްކޮށްފައެވެ.

ސަމާހުގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި، ސާޖަންޓު އާދަމް ހަލީމްގެ ވާރިސުންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް އަންނަ މަހުގެ ދެވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުވެސް ކޮށްފައެެވެ.

Leave a Reply