ފުވައްމުލަކު ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެކަމުން ލިބޭ ފައިސާ ލޯންޑާކުރަމުން ދިޔަ ދެ މީހުންގެ މައްޗަށް ދައުވާކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހުން އިއްޔެ އެ މައްސަލައިގައި ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ އެ ދެ މީހުންގެ މައްޗަށް ވެސް ދެ ދައުވާ އުފުލާފައިވާނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ

  • ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށް
  • މަނީ ލޯންޑްރިންގެ ކުށް

އެ މައްސަލައިގައި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާގެ ތެރެއިން އިސްލާމިކް ބޭންކަން ޖަމާކުރި 1.1 މިލިއަން ރުފިޔާގެ އިތުރުން އަގުބޮޑެތި އިތުރު މުދާތައް ވެސް ދައުލަތަށް ނެގުމަށް ޕީޖީން އެދިފައި ވެއެވެ. އޭގެ ތެރޭގައި ހަތަރު ސައިކަލާއި ފަސް ކާރު، ދެ ޕިކަޕް، އެއް ކަނޑު އުޅަނދު، 29 ސަންކޮނުއާ ގުރާ އަދި ނުވަ ރިންގްނެކް ގުރާ ހިމެނެ އެވެ،

ނިއުޝާދާއި އާޒިމް ހައްޔަރުކުރީ ފުލުހުން މިދިޔަ ޖެނުއަރީ މަހު ހިންގި އޮޕަރޭޝަން ވެށި ރައްކަލް” ގެ ވަރުގަދަ އޮޕަރޭޝަންގެ ތެރެއިން އެވެ.

ފުލުހުންގެ ތަހުގީގުތަކާ ހަވާލާދީ ޕީޖީ އޮފީހުން  ބުނީ ޙަސަން ޢާޒިމް އިސްވެހުރެ، އަޙްމަދު ނިއުޝާދު އާއެކު ‍މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލައް ސިޓީގައި ނެޓްވޯކެއް ގާއިމުކޮށް އެކި ފެންވަރުގައި، އެކި މިންވަރަށް، އެ ތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގައި ހަރަކާތްތެރިވި ކަމަށާއި، އަދި އެކި ޑީލަރުންނަށް މުސާރަދީގެން، ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދި ކަމަށެވެ.

އޭގެ އިތުރުން  މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން ދެ މީހުންގެ އެކައުންޓަށް 25 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ވެސް ޕީޖީން ފާހަގަކޮށްފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *