
ކާންދޭން ބޭނުންކުރާ ފީޑިން ޓިއުބެއް ނުލިބިގެން ކުޑަކުއްޖަކު މަރުވި މައްސަލަ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ބަލަން ނިންމައިފިއެވެ.
އުމުރުން ހަ އަހަރުގެ އިބްރާހިމް އަޒާން ސުހައިލް، މ. ޗީޒް، މިދިޔަ ހޮނިހިރު ދުވަހު، މަރުވީ އޭނާ ކެއުމަށް ބޭނުންކުރާ ފީޑިން ޓިއުބެއް ނުލިބި އެތައް މަހެއް ފާއިތުވި ފަހުންނެވެ. އެސްޓީއޯ މެދުވެރިކޮށް ވެސް އެ ޓިއުބަށް އޯޑަރުކޮށްގެން ވެސް އެ ޓިއުބު ނުލިބި އެތައް މަހެއް ވެފައިވާކަމަށް ކުއްޖާގެ މަންމަ ބުނެއެެވެ.
އެ މައްސަލަ ހެލްތު މިނިސްޓްރީންވެސް މިހާރު ބަލަމުންދާ އިރު އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެކަން އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމާއެކު ތަހުގީގު ފަށާފައިވާ ކަމަށެވެ.
އެ ތަހުގީގުގައި ބަލަމުންދަނީ ދިވެހި ރައްޔިތަކަށް ދައުލަތުގެ އެހީތެރިކަމެއް ބޭނުންވާ ނިޒާމުގެ ތެރެއިން ލަސްވުމެއް ނެތި އެހީތެރިކަން ލިބޭނެގޮތް ގާއިމުވެފައި އޮތްތޯއާއި ކުޑަކުދިންނާއި ޅަފުރާގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމުގެ ހައްގު ގާނޫނު އަސާސީއިން ތަސައްވަރުކުރާ މިންވަރަށް ދައުލަތުގެ ފަރާތުން ކަށަވަރުކޮށްދީފައިވޭތޯއާއި އަދި ރައްޔިތަކު އެހީތެރިކަމަށް އެދޭހިނދު އެކަމެއްގެ މުއާމަލާތް ކެނޑުމުގެ ކުރިން އެކަމެއް ހައްލުކުރެވޭނެ އިޖުރާތެއް ދައުލަތުގެ ފަރާތުން ގާއިމުކޮށްފައިވޭތޯ ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.
އަދި އެކަން ތަހުގީގުކުރުމަށް ފަހު އިސްލާހުކުރަންޖެހޭ ކަންކަން އެކަމެއް ރައްދުވާ ދައުލަތުގެ އިދާރާއެއްގެ މައްޗަށް ލާޒިމްކޮށް އަންގާނެ ކަމަށް ވެސް އެޗްއާރުސީއެމްއިން ބުންޏެވެ.



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































