ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު މާދަމާ އެ ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ.

ޖޭއެސްސީއަށް އެ ދެ ފަނޑިޔާރުން ހާޒިރުކުރަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދެއްކި މަޖިލިހެއްގައި އަޒްމިރާލްދާ އާއި މަހާޒު އިންނެވި ކަމަށް ބުނާ މައްސަލަ އާ ގުޅިގެންނެވެ. އެ މައްސަލައަކީ 2022 ވަނަ އަހަރު އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ބަލަމުންދާ މައްސަލަ އާ ގުޅިގެން ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވާކަން އެ ދެ ފަނޑިޔާރުންގެ ފަރާތުން ވަނީ “ދެން” އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އަޒްމިރާލްދާ ހާޒިރުވާން އަންގާފައި ވަނީ ހެނދުނު 10:30 ގަ އެވެ. މަހާޒު ހާޒިރުވުމަށް އަންގާފައި ވަނީ 11:15 އަށެވެ.

އެ މައްސަލައިގެ އިތުރަށް އަޒްމިރާލްދާގެ ފިރިކަލުން އައިޖީއެމްއެޗްގެ ޑރ. އިސްމާއީލް ލަތީފުގެ ބަންދު އަމުރަށް އަޒްމިރާލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. މައްސަލަ އާ ގުޅިގެން ދެ ފަނޑިޔާރުން ހާޒިރުކޮށް ބަޔާން ވެސް ވަނީ ނަގާފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ލަތީފުގެ ބަންދުގެ މައްސަލައިގައި ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ބަލަމުންނެވެ.

އެ މައްސަލަ ބަލަމުން ދަނިކޮށް، ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް މަގާމުގެ ނަހަމަ ނުފޫޒު ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވި ކަމަށް ވިދާޅުވެ އޭސީސީއަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލަ އޭސީސީގައި މިހާރު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަަކަށް ސަސްޕެންޑްކުރި މައްސަލަ އދ. އަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

އދ. ގެ ހައި ކޮމިޝަނާ އޮފް ފޮ ހިއުމަން ރައިޓްސްގެ އޮފީހަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ މަހުގެ 4 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާާމުން އިސްތިއުފާ ދެއްވި ސުއޫދެވެ.

މައްސަލައިގައި ސުއޫދު އެދިވަޑައިގެންފައި ވަނީ މައްސަލަ އާ ގުޅިގެން އަވަސް ފިޔަވަޅެއް އަޅައި ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް މަސައްކަތް ކޮށްދިނުމަށެވެ.

ޖޭއެސްސީން އޭނާ އާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަލްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު އާ ގުޅޭގޮތުން ބަލަމުން ފެށި މައްސަލަތަކަކީ އެ ކޯޓުގައި ކުރިއަށްދާ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން އުފައްދައިގެން ބަލަމުންދާ މައްސަލަތަކެއް ކަމުގައި ސުއޫދު ފާހަގަކުރައްވާފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *