
މ. މުލީގައި ހުންނަ މ. އަތޮޅު ތަޢުލީމީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން، އެ ސްކޫލުގައި ތިން ފަންގިފިލާގެ އައު ޢިމާރާތެއް ބިނާކުރުމުގެ މަޝްރޫޢު ތަޢުލީމީ ވުޒާރާއިން މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ.
ތަޢުލީމީ ވުޒާރާގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ފޮރ އެޑިއުކޭޝަން ޑރ. ޢަބްދުއްލަތީފް މުޙައްމަދެވެ. އަދި ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން އެމްޓީސީސީ ތަމްސީލުކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
މުލީގައި މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ޕްރެސް ރިލީޒް: https://t.co/2s0ANnvXrY pic.twitter.com/zI73mmSF2d
— MTCC Plc (@MTCCPlc) April 1, 2026
މި މަޝްރޫއަކީ 18.80 މިލިއަން ރުފިޔާގެ އަގަކަށް، 360 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށް ހަވާލުކުރެވިފައިވާ މަޝްރޫއުއެއް އެމްޓީސީސީން މަޢުލޫމާތުދެއެވެ. އަދި އަލަށް އިތުރުކުރެވޭ ތިން ބުރީގެ ޢިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެ ތަނެކެވެ. މިގޮތުން، ދަރިވަރުންނަށް ކިޔަވައިދިނުމަށް ޚާއްޞަ 10 ކިލާސްރޫމާއި، ލައިބްރަރީއެއްގެ އިތުރުން އޯޑިއޯ ވިޝުއަލް (އޭވީ) ރޫމަކާއި ޞިއްޙީ ފަރުވާދޭ ކޮޓަރިއެއް (ހެލްތް ރޫމް) މި ޢިމާރާތުގައި ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































