މޯލްޑިވްސް ބްލަޑް ސާވިސާސް(އެމްބީއެސް)ގެ ޑިރެކްޓާ ޖެނެރަލަ (ޑީޖީ)އަކަށް އަހުމަދު މައުސޫމް މިއަދު އައްޔަނުކޮށްފި އެވެ.

އެ މަގާމަށް މައުސޫމް ހަމަޖެއްސީ މޯލްޑިވްސް ބްލަޑް ސާވިސާސްގެ ހިދުމަތްތަކަ މެދު ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ ބެެލެނިވެރިން އިހުތިޖާޖުކޮށް އެތަނުގެ ވެރިންގެ އިސްތިއުފާއަށް ގޮވުމުން އެމްބީއެސް ރިފޯމްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނިކޮށެވެ.

ހެލްތު މިނިސްޓްރީން ބުނީ އަލަށް ޑީޖީއަކަށް އައްޔަނުކުރި މައުސޫމްއަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އޭނާ މީގެ ކުރިން އައިޖީއެމްއެޗުގައި ވެސް މަސައްކަތް ކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޑީޖީއެއްގެ އިތުރުން އެމްބީއެސްއަށް ޑެޕިއުޓީ ޑީޖީއަކާއި އަދު ޑިރެކްޓަރެއްވެސް އައްޔަނުކުރަން ވަނީ ނިންމައިފަ އެވެ.

“އެމްބީއެސް އަށް ޑިރެކްޓަރ ޖެނެރަލްގެ މަޤާމް މިއަދު ހަމަޖެހުނުއިރު، ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން އެތަނަށް މިވަގުތަށް ބޭނުންވާ 5 ނަރުހުން ހޯދުމަށްވެސް މިއަދު ވަނީ އިއުލާންކޮށްފައެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.” ހެލްތު މިނިސްޓްރީން ބުންޏެވެ.

ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ހައްލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ  ނިންމަވާފަ އެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *