މޭ/ޖޫންގައި އަމިއްލަ ގޮތުން އޭލެވެލް އިމްތިހާނު ހެދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ރާއްޖޭގައި އޭލެވެލް އެޑެކްސެލްގެ މޭ/ޖޫން އިމްތިހާނު ދިނުން ހުއްޓާލާފައިވަނީ 2019ވަނަ އަހަރުއެވެ. ކޮވިޑް ދުވަސްވަރު ދިރާސީ އާ އަހަރަށް ގެނައި ބަދަލާއެކު 2020ވަނަ އަހަރުން ފެށިގެން އެ އިމްތިހާނު ހަދަނީ އޮންޓޯބަރު/ނޮވެމްބަރު ގައެވެ.

މި ބަދަލުގެ ސަބަބުން ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު ެއް ދަތިކަމަކީ، އިމްތިހާނުގެ ނަތީޖާ ދަށްވެއްޖެނަމަ، ރީސިޓް ހަދައިގެން ނަތީޖާ ރަނގަޅު ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުމެވެ. އެހެން ވުމުގެ ސަބަބުން އޭލެވެލްގެ ގަދަ 10ހޮވައި، ސްކޮލަޝިޕް ކަނޑައަޅާއިރު ރިސިޓް ހަދާ ދަރިވަރުންނަށް އެފުރުސަތު ލިބެނީ އެއްއަހަރު ފަހުންނެވެ. އެހެންވެ މޭ/ޖޫންގައި އިމްތިހާނު ހަދާގޮތަށް ބަދަލުކޮށްދިނުމަށް އެދި ދަރިވަރުން ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މޭ/ޖޫންގެ އިމްތިހާނު ހުއްޓާލުމާއެކު ރާއްޖޭން ބޭރުން މި އިމްތިހާނު ހެދުމަށް ރާއްޖޭން ބޭރަށް ދަތުރުފަތުރު ކުރުމަށާއި، ހުރުމުގެ ހަރަދަށް އެކަނިވެސް 30،000ރ. އަށްވުރެ ގިނަ ފައިސާ ހަރަދުވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޕްރައިވެޓް ކެނޑިޑޭޓުންގެ ގޮތުގައި އޭލެވެލް އެޑެކްސެލްގެ މާއްދާތަކުގައި ބައިވެރިވާން ބޭނުންވާ ކެނޑިޑޭޓުންނަށް، މިއަހަރުން ފެށިގެން މޭ/ޖޫން ސީރީސްގެ އިމްތިހާނުތައް ރާއްޖޭގައި އަލުން ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން މޭ/ޖޫން ސީރީސްއާ ގުޅޭ މައުލޫމާތު މިމަހުގެ 4ވަނަ ދުވަހުން ފެށިގެން ޑިޕާޓްމެންޓް އިފް ޕަބްލިކް އެގްޒަމިނޭޝަނުން އާންމުކުރަމުން ގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

Leave a Reply