އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ) އަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު މުހައްމަދު ހުސައިން ޝަރީފް (މުންދު) މަގާމުގެ ފަތްކޮޅު އެ އެޖެންސީގެ ޑިރެކްޓަ ޖެނެރަލް ފްރެންސެސްކޯ ލަ ކަމޭރާއަށް އަރުވައިފި އެވެ.

އައިރީނާއަށް ދާއިމީ މަންދޫބެއްގެ ގޮތުގައި ކަނޑައެޅުއްވި މުންދުއަކީ ރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް މެ އެވެ.

މުންދު، މަގާމުގެ ފަތްކޮޅު އައިރީނާގެ ޑިރެކްޓަ ޖެނެރަލަށް އަރުވާފައިވަނީ ޔޫއޭއީގައި ހުންނަ އެ ޖަމިއްޔާގެ ހެޑްކުއާޓަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތަށްފަހު އައިރީނާގެ ޑިރެކްޓަ ޖެނެރަލް ބޭއްވެވި ބައްދަލުކުރެއްވުމުގައި މުންދުވަނީ އިއާދަކުރަނިވި ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު އިތުރުކުރަން އައިރީނާއިން އަދާކޮށްފައިވާ ދައުރު ފާހަގަކޮށް ޝުކުރު އަދާކުރައްވާފައި ކަމަށެވެ.

ހާއްސަކޮށް އައިރީނާއިން އެ ދާއިރާއިން ފަންނީ އެހީ އާއި އެއްބާރުލުން މުންދު ފާހަގަކުރެއްވި ކަމަށް މިިނިސްޓްރީން ބުންޏެވެ.

އަދި އިއާދަކުރަނިވި ހަކަތައިގައި ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އައިރީނާއާ އިތުރަށް ގުޅުން ބަދަހިކުރަން ތައްޔާރަށް ހުންނެވި ކަމަށް މުންދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އައިރީނާގެ ޑިރެކްޓާ ޖެެނެރަލް ވެސް ވަނީ ރާއްޖެއަށް އެހީތެރިވުމުގައި އެ ޖަމިއްޔާއިން ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

އައިރީނާއަކީ 2009 އަހަރު ވުޖޫދުވި ޖަމިއްޔާއެކެވެ. ޖަމިއްޔާގައި 169 މެމްބަރުން ހިމެނޭއިރު ރާއްޖެއަކީ އެ ޖަމިއްޔާ އުފެދުނީއްސުރެ ޖަމިއްޔާގެ މެމްބަރެކެވެ.

Leave a Reply

Your email address will not be published. Required fields are marked *