
މީޑިއާތަކުގެ މައްސަލަ ބަލަން އާ ކޮމިޝަންއެއް ހަދައި މީޑީއާ ރެގިއުލޭޓްކުރުން އިތުރަށް ވަރުގަދަކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އުޅޭ ބިލާ ގުޅޭ ގޮތުން ހުރިހާ ޕާޓީތަކާއެކު މަޝްވަރާކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
މި ވަގުތު ކޮމިޓީ މަރުހަލާގައި އޮތް ބިލުގައިވާ ގޮތުން އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެއާއެކު “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން”ގެ ނަމުގައި މިނިވަން ކޮމިޝަންއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ އެވެ.
ނަމަވެސް އެ ބިލަކީ މީޑިއާގައި ތަޅު އެޅުވުމަށް ހުށަހެޅި ބިލެއް ކަމަށް އިދިކޮޅާއި ބައެއް މީޑިއާތަކުން ވެސް ބުނަމުންދާ އިރު ބިލު އަނބުރާ ގެނައުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. އޭގެ ތެރޭގައި ރައީސް ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Alhugandah fenna gothugai Media bill aa gulhey gothun hurihaa siyaasee party ehge bahdhalu vumeh beyvun beynun theri. Noosverikamuge minivan kan inthihaa ah beynun theri. Hama eyaai eku noosverin zinmaadhaaru vun ves muhinmu.
— Mohamed Nasheed (@MohamedNasheed) August 31, 2025
ރައީސް ނަޝީދު މިއަދު އެކްސްގައި ވިދާޅުވީ މީޑިއާ ބިލާ ގުޅޭ ގޮތުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް ބޭއްވުން ބޭނުންތެރިކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.
“ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ބޭނުންތެރި. ހަމަ އެޔާއި އެކު ނޫސްވެރިން ޒިންމާދާރުވުން ވެސް މުހިންމު” ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ ބިލު އަނބުރާ ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ބިލު އިތުރަށް ދިރާސާކުރުމަށް ފަހު ރަނގަޅުކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































