މިމަހުގެ ފުރަތަމަ ހަފްތާ އެކަނި ސްކޭމްގެ 55މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ ފުރަތަމަ ހަފްތާ ޖުމްލަ 494،712ރުފިޔާގެ ގެއްލުން ވެފައިވެއެވެ.

ފުލުހުން ބުނީ އެހެން ނަމަވެސް އެ މުއްދަތުގައި 270،070ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށެވެ.

ސްކޭމް ކޮށްގެން ފައިސާ ހޯދާފައި ވަނީ އޮންލައިން މެސެޖިން މަންސަތައް ބޭނުންކޮށްގެންނާއި އައިބޭ، ފޯން ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސް ބޭނުންކޮށްގެންނެވެ.

ފުލުހުން ބުނީ މިމަހުގެ ފުރަތަމަ ހަފްތާ އެންމެ ގިނައިން ސްކޭމް ހިންގާފައި ވަނީ އީ-ކޮމާސް މެދުވެރިކޮށް ކަމަށެވެ. އެ ބާވަތުގެ 27މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މީހެއްގެ ފަރާތުން ކަމަށް ހެދިގެން އޮޅުވާލުމުގެ 14މައްސަލައަކާއި ފައިސާ މާރުކުރުމުގެ 7މައްސަލައެއް ވެސް ހުށަހަޅާފައިވާކަން ތަފާސްހިސާބުތަކުން އެނގެއެވެ.

ފުލުހުން ބުނެފައި ވަނީ ވިޔަފާރި ކުރުމުގެ ކުރިން ކުރިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ސައްހަކަން ކަށަވަރު ކުރަންވާނެ ކަމަށެވެ. އަދި އަމިއްލަ ފަރުދުންގެ ބޭންކް އެކައުންޓްތަކަށް ފައިސާ ނުފޮނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply