
މާލޭ ސަރަހައްދުގެ ބަނދަރުތައް މާލެ ސިޓީ ކައުންސިލްއާ ހަވާލުކުރަން މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ގޮވާލައްވައިފި އެވެ.
މޭޔަރު އާދަމް އާޒިމް “ދެން”އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ވެސް މާލެ ސަރަހައްދުގެ ބަނދަރުތައް ބޭނުން ކުރުމުގައި މާސްވެރިންނާއި ރަށްތަކުން އަންނަ ފަރާތްތަކުން ޝަކުވާތައް ލިބޭ ކަމަށެވެ.
މޭޔަރު ވިދާޅުވީ މާލޭ ސަރަހައްދުގެ ހުރިހާ ބަނދަރުތަކަކީ ވެސް މާލެ ސިޓީ ކައުންސިލްގެ ބަނދަރުތައް ކަމަށާއި އެހެން ނަމަވެސް ލާމަރުކަޒީ ގާނޫނާ ހިލާފަށް ބައެއް ބަނަދަރުތައް އެމްޕީއެލް ފަދަ ތަންތަނުގައި ދަށުގައި އޮވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ބަނދަރުތަކުގެ އިންފްރާސްޓްރަކްޗާ އިތުރަށް ތަަރައްގީކުރަން ޖެހޭ ކަމަށާއި ނަމަވެސް އެކަމަށް ސިޓީ ކައުންސިލްއަށް ބަޖެޓުވެސް ނުލިބޭ ކަމަށެވެ.
އަދި ހުރިހާ ބަނދަރުތައް މާލޭ ސިޓީ ކައުންސިލްއާ ހަވާލުކުރުމަށް ވެސް މޭޔަރު ގޮވާލެއްވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން މާލޭގެ މޭޔަރުކަމުގައި ހުންނެވި އެމްޕީއެލްގެ ދަށުގައި އޮންނަ ޓީޖެޓީ މާލޭ ސިޓީ ކައުންސިލްއާ ހަވާލުކުރުމަށް ވަރަށް ބޮޑަށް ގޮވާލެއްވި އެވެ.
އަދި އެ ޓީޖެޓީއާ ހަވާލުވާން ކަމަށް ވިދާޅުވެ މާލޭގެ ސިޓީ ކައުންސިލްގެ މެމްބަރުންނާއެކު އެތަނަށް ވެސް އެމަނިކުފާނު އޭރު ވަޑައިގެންނެވި އެވެ. އެހެންވެ ރައީސް މުއިއްޒުގެ ވެރިކަމުގައި އެ ތަން މާލެ ސިޓީ ކައުންސިލްއާ ހަވާލުނުކުރުމުން މޭޔަރު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
ބޮޑުތަކުރުފާނު މަގު އިތުރަށް ފުޅާކޮށް ތަރައްގީކުރަން ނަސަންދުރަ ސަރަހައްދުން ފެށިގެން ލޯކަލް މާރުކޭޓް ސަރަހައްދާ ހަމައަށް އޮންނަ ބަނދަރު ސަރަހައްދު މިހާރު އޮތީ ވަގުތީ ގޮތުން އެމްޓީސީސީއާ ހަވާލުވެސްކޮށްފަ އެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































