
މާލޭގެ މަގުތަކުގައި ހުރި ކާނުތަކުން ފެން ހިނދުން ލަސްވާތީ، ކާނުތައް ސާފުކުރުމުގެ ގޮތުން ފެށި މަސައްކަތުގެ ތެރެއިން މަޖީދީމަގުގެ ދެ ފަޅީގައި ހުރި ކާނުތައް ސާފުކޮށް ނިންމައިފި އެވެ.
ކާނުތަކަށް ކުނި އެޅި ބެނދޭތީވެ، މަގުތަކުން ފެން ހިންދުމަށް ދަތިވާތީ މާލޭގެ ހުރިހާ ކާނުތަކެއް ސާފުކުރުމުގެ ހަރަކާތެއް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ފަށާފައި ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ.
މަޖީދީމަގުގައި ހުންނަ ލަގްޒަރީ ފިހާރަ ކުރިމަތިން ފެށި އެ މަސައްކަތް އިއްޔެ ވަނީ ނިންމާފަ އެވެ.
ޕަބްލިކް ވޯކްސް މިނިސްޓްރީން އިއްޔެ “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ހުރިހާ ކާނުތަކެއް ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަޖީދީމަގުގެ ދެ ފަޅީގައިވާ ކާނުތައް އެއްކޮށް ސާފުކޮށް ނިންމާފައިވާ ކަމަށެވެ.
މާލޭގެ ކާނުތައް ސާފުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުން، މަޖީދީމަގުގެ ދެފަޅީގައިވާ ކާނުތައް އެއްކޮށް ސާފުކޮށް ނިންމާލައިފި. pic.twitter.com/7UYLoC5cDr
— Ministry of Cities, Local Government, Public Works (@MoCLPmv) April 3, 2025
މަސައްކަތާ ގުޅޭގޮތުން ޕަބްލިކް ވޯކްސް މިނިސްޓްރީން މީގެކުރިން ބުނެފައި ވަނީ މަގުތަކުގައި ހުރި ކާނުތައް ސާފުކުރުމަށް އެ މިނިސްޓްރީން ފަށާފައިވާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭއިރު، ކާނުތައް ސާފުކުރެވުމުން ސިފައިންނާއި ފުލުހުން އަދި އެ މިނިސްޓްރީން ނުކުމެ މަގުތަކުން ފެންހިންދުމަށް ކުރާ މަސައްކަތަށް ހައްލެއް ލިބޭނެ ކަމަށް ޕަބްލިކް ވޯކްސް މިނިސްޓްރީން ދެކެ އެވެ.