ހިނގަމުންދާ މަޖިލީހުގެ ދައުރުގެ ތެރޭގައި ރިކޯލް ވޯޓުގެ ބިލު ހުށަހަޅަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުހައްމަދު މުއިިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑުވާ ގޮތަކަށް ވާނީ ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް ހޮވޭ މެންބަރުން، ދައުރުގެ ތެރޭގައި ވަކިކުރެވޭނެ ފުރުސަތު ރައްޔިތުންނަށް ލިބިގެން ދިއުމެވެ. އަދި ރިކޯލް ވޯޓަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ތަންފީޒުކުރަމުންދާ ނިޒާމެއް ކަމަށާއި، ރާއްޖޭގައި އެކަން ފަހިކުރުމުގެ ގޮތުން ފަންނީ މަޝްވަރާތައް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެގޮތުން ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް އަދި ދުނިޔޭގައި އެކަން ކާމިޔާބުކަމާއެކީ ތަންފީޒުކޮށްފައިހުރި ގައުމުތަކުގައި ކަންކުރާ ގޮތް ބައްލަވައި، އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާބެހޭގޮތުން ރައްޔިތުން ނިންމަވާގޮތަކާއި ޕްރިފަރެންޝަލް ވޯޓިން ސިސްޓަމު ތައާރަފުކުރުމާ ވަރަށް ބޮޑަށް ގުޅޭނެކަމުގައި ވިދާޅުވިއެވެ.

އިންތިޚާބުތަކަށް ބަދަލެއް އަންނަ ހާލަތެއްގައި، އެކަމަކީ ކުރިމަގުގައި ވެރިކަމުގެ ނިޒާމަށް އަންނަ ހީނަރުކަމަކަށް ވާން ބޭނުންފުޅުނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިންތިހާބީ ދެ ބުރުގެ ބަދަލުގައި އެއް ބުރުން ރައީސަކު ހޮވިގެންދާއިރު، އެކަން ދާންޖެހޭނީ އެއާމެދު އެއްވެސް ސުވާލެއް ނުއުފެދޭނޭ ގޮތަށް، ދެފުށްފެންނަ ނިޒާމަކުން ކަމަށާއި، އެފަދަ ނިޒާމެއް ގާއިމުކުރެވޭނީ، ރައްޔިތުންގެ މެދުގައި އިތުރަށް މަޝްވަރާކުރެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އިންތިހާބީ މަގާމުތަކަށް، ތަޢުލީމާއި ތަޖުރިބާހުރި މީހުންނަށް އިސްކަންދިނުމަށާއި ހުރިހާ ގޮތަކުން އެންމެ ގާބިލު މީހުން ހޮވިގެންއައިސް އެމީހުންނަށް ފުރުސަތު ލިބުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމުގައި ވިދާޅުވިއެވެ.

އަދި އަންހެނުންނާއި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ގޮތް ނިންމުމުގައި ޝާމިލުކުރުމާމެދު ރައްޔިތުންގެ މެދުގައި މަޝްވަރާ ކުރުމަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ.

Leave a Reply