ދިވެހި އަދަބިއްޔާތާއި މީޑިއާގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޑުލު މުހައްމަދު ވަހީދު އަވަހާރަވެއްޖެ އެވެ.

ވަހީދު އަވަހާރަވެފައި ވަނީ މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އަވަހާރަވީ ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގަ އެވެ.

ވަހީދަކީ މަދަރުސީ ދައުރުން ފެށިގެން ލިޔުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވުނު ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ކިޔަވައިދެއްވާފަ އެވެ. އޭގެ އިތުރުން 1980 ގެ އަހަރުތަކުގައި ރައީސް އޮފީހުން ސަރުކާރުގެ މުވައްޒަފުންނަށް ހިންގެވި ވަޒީފާގެ ތަމްރީނު ކޯސްތަކުގައި ވެސް ވަހީދު ވަނީ ކިޔަވައިދެއްވާފަ އެވެ.

އޭނާ ވަނީ އިނގިރޭސި ބަހުން ދިވެހި ބަހަށް ގިނަ ލިޔުންތަކެއް ތަރުޖަމާކޮށްދެއްވާފަ އެވެ. ދިވެހިރާއްޖެ އާ ބެހޭގޮތުން އެޗްސީޕީ ބެލް އިނގިރޭސި ބަހުން ލިޔުއްވި މޮނޮގްރާފް ދިވެހި ބަހަށް ވަނީ ތަރުޖަމާކުރައްވާފަ އެވެ.

ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ވަހީދަށް ވަނީ 1985 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. ކުރު ވާހަކަ ލިޔުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1997 ވަނަ އަހަރު ލިބިވަޑައިގެންނެވި އެވެ.

ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވަހީދަށް ވަނީ ލިބިވަޑައިގެންފަ އެވެ. އޭގެ އިތުރުން އެ އަހަރު ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ރަން ގަލަން ވެސް ލިބިވަޑައިގެންފައިވެ އެވެ.

މަޑުލު ވަހީދަކީ ދައުލަތުގެ މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ ފުރަތަމަ ޗެއާމަނެވެ. އޭނާ އެންމެފަހުން އަދާކުރައްވާފައި ވަނީ ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ މުޝީރުކަމުގެ މަގާމެވެ.

 

Leave a Reply

Your email address will not be published. Required fields are marked *