ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ސައުދީން ކުރިއަށް ގެންދާ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ދާއިމީކުރަން ނިންމައިފިއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018ވަނަ އަހަރުން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުން އަންނަ ސައުދީ ވިޝަން 2030ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ.

އެ އިނީޝިއޭޓްގައި ބައިވެރިވެވެނީ ވަކި ޝަރުތުތަކަކާ އެކު ނަމަވެސް އެންމެ ފަހުން ބޭއްވި ހައްޖުގައި ހާއްސަ އިސްތިސްނާއެއްގެ ދަށުން ތަޖުރިބާއެއްގެ ގޮތުގައި ރާއްޖެ އޮތީ ހިމަނައިފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރު މިއަދު ވަނީ މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާ ބައްދަލުކުރައްވާފައި ކަމަށެވެ. އަދި މައްކާ ރޫޓްގެ ދަށުން ހައްޖުގެ ހިދުމަތް ރާއްޖެއަށް ދާއިމީކޮށް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށް އެ ކޮމިޓީން އަންގާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދާއިމީ ގޮތެއްގައި މައްކާރޫޓް ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ ހައްޖުގެ އަޅުކަމުގެ ދަތުރު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމެއް ކަމަށެވެ.

މައްކާ ރޫޓްގެ އިނީޝިއޭޓިވްގައި ހިމެނޭ ގައުމުތަކުގެ ހައްޖުވެރިން ސައުދީ އިމިގްރޭޝަނުގައި ޖިއްދާ އެއާޕޯޓުގައި އެރައިވަލް ޕާސްޕޯޓު ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން އެއާޕޯޓުގައި މަޑުކުރާކަށް ނުޖެހޭނެއެވެ. އަދި މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭއިރު ލަގެޖް ލިބޭނީ ހޮޓަލުންނެވެ.

Leave a Reply