އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.

މަންދީ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ ނިންމާފައި ގެއަށް ދިޔަ މަގުމަތީގަ އެވެ. ސައިކަލުގައި ދުއްވާފައި ދަނިކޮށް އޭނާގެ ގަޔަށް ކަޅުތެޔޮ ޖެހީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ބަޔެކެވެ.

މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހް (20އ) ހައްޔަރުކުރީ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާ އެކު ދޫކޮށްލުމަށް ވަނީ އަމުރުކޮށްފަ އެވެ. އެގޮތަށް އަމުރުކޮށްފައި ވަނީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ޝަރުތުގައި ހިމަނައި ދިނުމަށް ފުލުހުން އެދިފައިވާތީ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުގައި ކުށުގެ ތުހުމަތުކުރެވޭ މިންވަރުގެ ހެކި ކޮންމެވެސް މިންވަރަކަށް ހުށަހަޅާފައި ވިނަމަވެސް، ރިޝްމާހުގެ މައްޗަށް ކުރެވޭނީ ޖިނާއީ ކުޑަ ކުށެއްގެ ތުހުމަތު ކަމުގަ އެވެ. މައްސަލައިގައި 15 ދުވަހުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާތީ އާއި ތަހުގީގަށް ފުރިހަމައަށް ފުރިހަަމައަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވާތީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލަން ނިންމީ ކަމުގައި އަމުރުގައިވެ އެވެ.

ޝަރުތާ ހިލާފުވެއްޖެ ނަަމަ އަލުން ބަންދުކުރެވޭނެކަން ރިޝްމާހަށް ވަނީ އަންގާފަ އެވެ.

މަންދީ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސާޖިދާގެ ދަރިކަލަކަށް ތުހުމަތުކޮށް ވާހަކަ ދެއްކި މައްސަލައިގައި މަންދީގެ މައްޗަށް ދައުވާކުރަން ނިންމާފައިވަނިކޮށެވެ. އެ މައްސަލައިގައި އޭނާއަށް މަދަނީ ކުރުމަށް ސިވިލް ކޯޓަށް ވަނީ ހުށަަހަޅާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *